ނޫސްބަޔާންDEM/PRL/2024/01

މާލޭގެ ކުނި މެނޭޖް ކުރުން ބޮއްސުންލާފައިވާތީ، އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް، މާލެ ސާފުތާހިރުކުރަން ގޮވާލާ އާންމު ނޫސްބަޔާން

10 މާރިޗު 2024 ‪05:00 am

މާލެ ސިޓީގެ ކުނި މެނޭޖްކުރުން އިންތިހާއަށް ބޮއްސުންލާ، ކަންކަންމަތީގައި ކުނިވާ ޒާތުގެ ޑަސްބިންކޮތަޅުން ފެށިގެން ފަރުނީޗަރުގެ ބައިބަޔާއި، ގައުކުނޑީގެ ފުނިވަރުތަކުން މާލެ މިވަނީ މުޅިން ގޮނޑުވެފައެވެ. އަދި މާލޭގެ މަގުތަކާއި އާންމު ހުސްޖާގަތަކުގެ ނުތާހިރުކަން އިންތިހާއަށް ބޮޑުވެ، އާންމު ސިއްހަތަށާއި، ދުޅަހެޔޮކަމާއި، މިސިޓީގެ އަހުލުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ވަމުންދެއެވެ.

މިދަރަޖައަށް މާލެ މުޑުދާރުވެފައިވާއިރުވެސް، ބަރަކާތްތެރި ރޯދަމަހާއި ދިމާކޮށް ސިޓީތެރެ ތާހިރުކޮށް ހަންމަތަ ކުރުމުގެ އެއްވެސް މަސައްކަތެއް ކަމާބެހޭ އެއްވެސް އިދާރާއަކުން ހިންގާފައެއް ނެތެވެ. ގޯތިގެދޮރު ފޮޅާ ސާފުކޮށް، ރޯދައަށްވާ ތައްޔާރީގައި ގޭބީސީތަކުން އުފެދޭ ކުނި އުކާ، މަގުތަކާއި އާންމު ހުސްޖާގަތައް ސާފުކުރަން އެހެން އަހަރުތަކުގައި ހިންގި ބާވަތުގެ އެއްވެސް ހަރަކާތެއް މާލެ ސިޓީ ކައުންސިލުންވެސް ހިންގާފައެއްނެތެވެ.

މާލެއަކީ މަގުތަކާއި ޕާކުތަކާއި އާންމު ހުސްޖާގަތަކަށް ނުކުމެ ނޫޅެވޭވަރު ތަނަކަށް މުޅިން ބަދަލުވަމުން އަންނައިރު، ތަނަވަސްކަމާއި ފެހިކަމާއި ތާހިރުކަމުގެ ޝިއާރުގައި މާލޭގެ މޭޔަރު ކަމަށް ނިކުންނަވާ އިންތިހާބުވެ ވަޑައިގެންނެވި މޭޔަރު މާލެ ތާހިރުކުރަން ޕްލޭންކުރައްވާ ގޮތެއް، އަޅުއްވަން ގަސްތުކުރައްވާ ފިޔަވަޅެއް، ހިންގަވާ މަސައްކަތެއްގެ ހިލަމެއްވެސް ނެތެވެ.

ދަ ޑިމޮކްރެޓްސް އިން މާލޭގެ މޭޔަރު އާދަމް އާޒިމަށާއި، ސިޓީ ކައުންސިލްގެ މައްޗަށް ކަންބޮޑުވުމާއިއެކު ގޮވާލަނީ، މާލެ ކުނިގޮނޑަކަށް ބަދަލުވަމުންދާއިރު، އަތްއުރާލައިގެން ނުތިބެ، އާންމު ސިއްހަތާއި ސަލާމަތަށް އެކަށޭނަ ގޮތެއްގައި މިސިޓީ ސާފުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށެވެ. އަދި ދެމެހެއްޓެނިވި އިންތިޒާމެއްގެދަށުން މާލޭގެ ސާފުތާހިރުކަން ކަށަވަރު ކުރުމަށެވެ. މާލޭ މޭޔަރުގެ ބައި އިލެކްޝަނަށް މިޕާޓީއިން ޢާންމުކުރި މެނިފެސްޓޯގައިވާ ހަމައިން މާލެއަކީ ލިވަބަލް (ދިރިއުޅޭން ތައްކަތު) ސިޓީއަކަށް ބަދަލުކުރަން އަވަސް ފިޔަވަޅު އެޅުމަށެވެ.

Comments