ނޫސްބަޔާންDEM/PRL/2024/015

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ކިއުން

01 މޭ 2024 ‪09:30 am

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސައްކަތްތެރިންނަށް ދަ ޑިމޮކްރެޓްސް އިން އަރިސްކުރަމަވެ.

މިނިވަންކަމާއި ފަރުދީ ހައްގުތައް ހޯދުމުގެ އިސްލާހީ ހަރަކާތުގެ ތެރެއިން މަސައްކަތްތެރިންގެ ހައްގުގެ މުހިއްމު ބައެއް ކަންކަން މިހާތަނަށް ހާސިލުކުރެވިފައިވެއެވެ.

ނަމަވެސް، ވަޒީފާ ނުލިބިވާ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވަމުންދާދިއުމަކީ މި ޕާޓީގެ ނުހަނު ބޮޑު ކަންބޮޑުވުމެކެވެ. އަދި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގު ދިފާއުކުރުމަށް ގޮންޖެހުންތައް ހުރިކަން ފާހަގަވެއެވެ.

މިނިވަންކަމާއެކު މަސައްކަތްކޮށް އެކަށީގެންވާ އުޖޫރަ ލިބުމަކީ އިންސާނާގެ ކަރާމާތާ ގުޅިފައިވާ ކަމެކެވެ. އަޅުވެތިކަމުން ސަލާމަތްވެގެންވާ އަދި އިންސާނާގެ ކަރާމާތް އުފުލިގެންވާ މާހައުލެއް ޤާއިމުކުރުމަށް ތިމާގެ ހަލާލު މަސައްކަތުން ފައިމައްޗަށް ތެދުވުމަށް ބާރުވެރިކަން ހޯދައިދޭންޖެހެއެވެ. ވަޒީފާގެ ބިރުދެއްކުމުގެ މާހައުލު ނެތް ގައުމަކަށް ހެދުމަށް، ދައުލަތުގެ ވަޒީފާއަދާކުރާ ފަރާތްތަކަށް އޮންނަ ވަޒީފާގެ ބިރުދެއްކުމުގެ މާހައުލު އެންމެ ފުރަތަމަ ނައްތާލުމަކީ އެހެން ހުރިހާ މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ ބިރުދެއްކުމުގެ މާހައުލު ނިމުމަކަށް ގެނައުމަށް ކޮންމެހެން މުހިއްމު ކަމެއްކަމަށް މި ޕާޓީން ދެކެމެވެ.

Comments