26މަގާމު ފުރާތައް

98. ޕާޓީގެ ރައީސް

ޕާޓީގެ ރައީސަކީ ސިޔާސީ ކަންކަމުގައި ޕާޓީ ތަމްސީލުކުރާ އަދި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގުމުގެ ވާޖިބު އަދާކުރަންޖެހޭ، އަދި ޕާޓީ ހިންގުމުގެ އެންމެ އިސް ފަރާތެވެ.

99. ޕާޓީ ރައީސް އިންތިޚާބު ކުރާނެ ގޮތާއި އިންތިޚާބު ކުރެވޭ މުއްދަތު

ޕާޓީގެ ރައީސް އިންތިޚާބު ކުރާނީ، ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ނަގާ އާއްމު ސިއްރު ވޯޓަކުންނެވެ. ޕާޓީގެ ރައީސްގެ މަގާމުގެ މުއްދަތަކީ 05 (ފަހެއް) އަހަރެވެ.

100. ޕާޓީ ރައީސްގެ ޒިންމާތަކާއި ބާރުތަކާއި މަސްއޫލިއްޔަތު

(ހ) މި ޕާޓީގެ އަސާސީ ގަވާއިދާއި ނެޝަނަލް ކޮންގްރެސްއާއި ނެޝަނަލް އެސެމްބްލީން ކަނޑައަޅާ ޕާޓީގެ ސިޔާސަތުތަކާއި ނިންމުންތަކާ އެއްގޮތަށް، ޕާޓީގެ މަސްލަހަތު ކުރިއަރުވައި، ޕާޓީގެ މަގުސަދުތައް ހާސިލުކުރުމަށްޓަކައި ޕާޓީގެ އެންމެހައި ކަންކަން ރާވާ ހިންގުން.
(ށ) މި ޕާޓީގެ އަސާސީ ގަވާއިދާއި ނެޝަނަލް ކޮންގްރެސްއާއި ނެޝަނަލް އެސެމްބްލީން ކަނޑައަޅާ، ޕާޓީގެ ރައީސް އާ ހަވާލުކުރާ އެންމެހައި މަސްއޫލިއްޔަތަކާއި ޒިންމާތައް އަދާކުރުން.
(ނ) ސެކްރެޓަރީ ޖެނެރަލް އައްޔަންކުރުން.
(ރ) ނެޝަނަލް ޕޮލިސީ ކޮމިޓީތަކަށް މުޤައްރިރުން އައްޔަންކުރުން.
(ބ) ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އެކިއެކި މަގާމުތަކަށް އައްޔަންކުރަންޖެހޭ މީހުން އައްޔަންކުރުން.
(ޅ) ޕާޓީގެ ސިޔާސަތުތައް ތަންފީޒުކުރުން.
(ކ) ނެޝަނަލް އެސެމްބްލީން ކަނޑައަޅާގޮތެއްގެ މަތިން، ސަރުކާރާއި އެހެނިހެން ސިޔާސީ ޕާޓީތަކާ މަޝްވަރާ ހިންގުން.
(އ) ނެޝަނަލް ކޮންގްރްސް އާއި ނެޝަނަލް އެސެމްބްލީގެ ރިޔާސަތު ބެލެހެއްޓުން.
(ވ) ޕާޓީގެ ނައިބުރައީސުންނާއި ސެކްރެޓަރީ ޖެނެރަލް، އަދި އައްޔަންކުރެވޭ މަގާމުތަކުގައިވާ މީހުންނަށް އެމީހުން އަދާކުރަން ހަވާލުކުރެވޭ މަސްއޫލިއްޔަތު އަދާކުރުމުގައި އިރުޝާދު ދިނުން.

101. ޕާޓީގެ ނައިބު ރައީސުން

(ހ) ޕާޓީގެ ނައިބު ރައީސުންނަކީ، ޕާޓީގެ ރައީސްގެ ހަވާލުކުރާ ކަންކަމާއި ދެއްވާ އިރުޝާދުގެ ދަށުން މި ޕާޓީ ހިންގުމުގެ ކަންކަމުގައި ޕާޓީގެ ރައީސްއަށް އެހީތެރިވެދޭ ބަޔެކެވެ.
(ށ) ޕާޓީގެ ނައިބު ރައީސުންގެ މަގާމުގައި ތިބޭނީ 03 (ތިނެއް) ނައިބު ރައީސުންނެވެ. ނައިބު ރައީސުންގެ ތެރޭގައި އެއް އަންހެނަކާއި، އެއް ފިރިހެނަކާއި އެއް ޒުވާނަކު ހިމަނަންވާނެއެވެ. ޕާޓީގެ ނައިބު ރައީސުން އިންތިޚާބު ކުރާނީ، މި ޕާޓީގެ ހުރިހާ މެންބަރުންގެ މެދުގައި ނަގާ އާއްމު ސިއްރު ވޯޓަކުންނެވެ.
(ނ) ނައިބު ރައީސުންގެ މަގާމުގެ މުއްދަތަކީ 05 (ފަހެއް) އަހަރެވެ.

102. ޕާޓީގެ ނައިބު ރައީސުންގެ ޒިންމާތަކާ ބާރުތަކާއި މަސްއޫލިއްޔަތު

(ހ) ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތުތަކާއި ވާޖިބު އަދާކުރުމަށް ރައީސަށް އެހީތެރިވުން.
(ށ) ޕާޓީ ހިންގުމަށްޓަކައި ޕާޓީގެ ރައީސް ހަވާލުކުރާ ކަންކަންކުރުން.
(ނ) ނެޝަނަލް އެސެމްބްލީން ހަވާލުކުރާ ކަންކަންކުރުން.
(ރ) އެއްވެސް ހާލަތެއްގައި ޕާޓީގެ ރައީސް، ޕާޓީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އުޒުރުވެރިވާ ހާލުގައި، ނުވަތަ ޕާޓީގެ ރައީސްގެ މަގާމުގެ މުއްދަތުގެ ތެރޭގައި އެ މަގާމު ހުސްވެއްޖެނަމަ، އެ ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ޕާޓީގެ ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރާނީ، ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ތިބި ފަރާތްތަކުގެ ތެރެއިން ޕާޓީގެ ނެޝަނަލް އެސެމްބްލީގެ ސިއްރު ވޯޓަކުން ނިންމާ ފަރާތެކެވެ.

103. އަތޮޅު ރައީސް

އަތޮޅުގައި ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިނގާ ނުހިނގާގޮތް ބަލައި، ވިލަރެސްކުރުމާއި އަތޮޅު އެސެމްބްލީން ނިންމާ ނިންމުންތަކާ އެއްގޮތަށް ޕާޓީގެ ފަރާތުން އަތޮޅު ތަމްސީލުކުރާ އަދި ޕާޓީގެ ހަރަކާތްތައް އަތޮޅު ފެންވަރުގައި ހިންގުމުގެ ވާޖިބު އަދާކުރަން ކޮންމެ އަތޮޅެއްގައި ޑިމޮކްރެޓްސްގެ އަތޮޅު ރައީސަކު އިންތިޚާބު ކުރަންވާނެއެވެ.

104. އަތޮޅު ރައީސް އިންތިޚާބް ކުރާނެ ގޮތާއި އިންތިޚާބު ކުރެވޭ މުއްދަތު

އަތޮޅު ރައީސް އިންތިޚާބު ކުރާނީ، އަތޮޅުގައި ހިމެނޭ މި ޕާޓީގެ މެމްބަރުންގެ މެދުގައި ނަގާ އާއްމު ސިއްރު ވޯޓަކުން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

105. އަތޮޅު ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

އަތޮޅު ރައީސްގެ މަސްއޫލިއްޔަތަކާއި ބާރުތައް އަތޮޅު ހިންގާ ގަވާއިދުގައި ކަނޑައަޅައި ފާސްކުރަންވާނެއެވެ.

106. ޕާޓީގެ އަތޮޅު ނައިބު ރައީސް

މި ޕާޓީގެ އަތޮޅު ރައީސް ހަވާލުކުރާ ކަންކަމާއި ދޭ އިރުޝާދުގެ ދަށުން އަތޮޅު ފެންވަރުގައި ޕާޓީ ހިންގުމުގެ ކަންކަމުގައި ޕާޓީގެ އަތޮޅު ރައީސްއަށް އެހީތެރިވެދިނުމަށް ކޮންމެ އަތޮޅެއްގައި ޕާޓީގެ އަތޮޅު ނައިބު ރައީސަކު، 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބު ކުރަންވާނެއެވެ. މި ޕާޓީގެ އަތޮޅު ނައިބު ރައީސް އިންތިޚާބު ކުރާނީ، އަތޮޅުގައި ހިމެނޭ މި ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ނަގާ އާއްމު ސިއްރު ވޯޓަކުންނެވެ.

107. އަތޮޅު ނައިބު ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

އަތޮޅު ފެންވަރުގައި ޕާޓީ ހިންގުމަށްޓަކައި ޕާޓީގެ އަތޮޅު ރައީސް ހަވާލުކުރާ ކަންކަމުގެ އިތުރުން އަތޮޅު ނައިބު ރައީސަށް އަތޮޅު ހިންގާ ގަވާއިދުގައި ވަކި މަސްއޫލިއްޔަތުތަކެއް އެކަށައަޅައި، އަތޮޅު އެސެމްބްލީން ހަވާލު ކުރެވިދާނެއެވެ.

108. ސިޓީ ރައީސް

(ހ) ސިޓީގައި ޕާޓީގެ ހަރަކާތްތައް ހިނގާ ނުހިނގާގޮތް ބަލައި، ވިލަރެސްކުރުމާއި ސިޓީ އެސެމްބްލީން ނިންމާ ނިންމުންތަކާ އެއްގޮތަށް ޕާޓީގެ ފަރާތުން ސިޓީ ތަމްސީލުކުރާ އަދި ޕާޓީގެ ހަރަކާތްތައް ސިޓީ ފެންވަރުގައި ހިންގުމުގެ ވާޖިބު އަދާކުރަން ކޮންމެ ސިޓީއެއްގައި ޕާޓީގެ ސިޓީ ރައީސަކު އިންތިޚާބު ކުރަންވާނެއެވެ.
(ށ) ޕާޓީގެ ސިޓީ ރައީސް އިންތިޚާބު ކުރާނީ، ސިޓީގައި ހިމެނޭ ހުރިހާ މެމްބަރުންގެ މެދުގައި ނަގާ އާއްމު ސިއްރު ވޯޓަކުން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

109. ސިޓީ ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ސިޓީ ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ސިޓީ ހިންގާ ގަވާއިދުގައި ކަނޑައަޅާންވާނެއެވެ.

110. ސިޓީ ނައިބު ރައީސް

ޕާޓީގެ ސިޓީ ރައީސް ހަވާލުކުރާ ކަންކަމާއި ދޭ އިރުޝާދުގެ ދަށުން ސިޓީ ފެންވަރުގައި ޕާޓީ ހިންގުމުގެ ކަންކަމުގައި ޕާޓީގެ ސިޓީ ރައީސްއަށް އެހީތެރިވެދިނުމަށް ކޮންމެ ސިޓީއެއްގައި ސިޓީ ނައިބު ރައީސަކު، 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބު ކުރަންވާނެއެވެ. މި ޕާޓީގެ ސިޓީ ނައިބު ރައީސް އިންތިޚާބު ކުރާނީ، ސިޓީގައި ހިމެނޭ މި ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

111. ސިޓީ ނައިބު ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ސިޓީ ފެންވަރުގައި ޕާޓީ ހިންގުމަށްޓަކައި ޕާޓީގެ ސިޓީ ރައީސް ހަވާލުކުރާ ކަންކަމުގެ އިތުރުން ސިޓީ ނައިބު ރައީސަށް ސިޓީ ހިންގާ ގަވާއިދުގައި ވަކި މަސްއޫލިއްޔަތުތަކެއް އެކަށައަޅައި، ސިޓީ އެސެމްބްލީން ޙަވާލުކުރެވިދާނެއެވެ.

112. ރަށު ރައީސް

މިގަވާއިދުގައިވާ ގޮތުގެމަތިން ޕާޓީގެ ހަރަކާތްތައް ރަށު ފެންވަރުގައި ހިންގުމުގެ ވާޖިބު އަދާކުރަން ކޮންމެ ރަށެއްގައި މިޕާޓީގެ ރަށު ރައީސަކު އިންތިޚާބު ކުރަންވާނެއެވެ.

113. ރަށު ރައީސް އިންތިޚާބް ކުރާނެ ގޮތާއި އިންތިޚާބު ކުރެވޭ މުއްދަތު

ޕާޓީގެ ރަށު ރައީސް އިންތިޚާބު ކުރާނީ، ރަށުގައި ހިމެނޭ ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ނަގާ އާއްމު ސިއްރު ވޯޓަކުން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

114. ރަށު ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ރަށު ރައީސްގެ މަސްއޫލިއްޔަތަކާއި ބާރުތައް ރަށު ހިންގާ ގަވާއިދުގައި ކަނޑައަޅައި ފާސްކުރަންވާނެއެވެ.

115. ރަށު ނައިބު ރައީސް

ޕާޓީގެ ރަށު ރައީސް ހަވާލުކުރާ ކަންކަމާއި ދޭ އިރުޝާދުގެ ދަށުން ރަށު ފެންވަރުގައި ޕާޓީ ހިންގުމުގެ ކަންކަމުގައި ޕާޓީގެ ރަށު ރައީސަށް އެހީތެރިވެދިނުމަށް ކޮންމެ ރަށެއްގައި ރަށު ނައިބު ރައީސަކު، 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބު ކުރަންވާނެއެވެ. މި ޕާޓީގެ ރަށު ނައިބު ރައީސް އިންތިޚާބު ކުރާނީ، ރަށުގައި ހިމެނޭ މި ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ނަގާ އާއްމު ސިއްރު ވޯޓަކުންނެވެ.

116. ރަށު ނައިބު ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ރަށު ފެންވަރުގައި ޕާޓީ ހިންގުމަށްޓަކައި ޕާޓީގެ ރަށު ރައީސް ހަވާލުކުރާ ކަންކަމުގެ އިތުރުން ރަށު ނައިބު ރައީސަށް އަތޮޅު ހިންގާ ގަވާއިދުގައި ވަކި މަސްއޫލިއްޔަތުތަކެއް އެކަށައަޅައި، ރަށު އެސެމްބްލީން ޙަވާލުކުރެވިދާނެއެވެ.

117. ސިޓީތަކުގެ ދާއިރާ ރައީސް

ކޮންމެ ސިޓީއެއްގައި ހިމެނޭ ވަކިވަކި ދާއިރާތަކުގައި މި ޕާޓީގެ ހަރަކާތްތައް ދާއިރާ ފެންވަރުގައި ހިންގުމުގެ ވާޖިބު އަދާކުރަން ސިޓީ-ދާއިރާ ރައީސަކު އިންތިޚާބު ކުރަންވާނެއެވެ. ސިޓީ-ދާއިރާ ރައީސް އިންތިޚާބު ކުރާނީ، އެދާއިރާގައި ހިމެނޭ މި ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ނަގާ އާއްމު ސިއްރު ވޯޓަކުން 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށެވެ.

118. ސިޓީތަކުގެ ދާއިރާ ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ސިޓީތަކުގެ ދާއިރާ ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ސިޓީ-ދާއިރާ ހިންގާ ގަވާއިދުގައި ކަނޑައަޅައި ފާސްކުރަންވާނެއެވެ.

119. ސިޓީތަކުގެ ދާއިރާ ނައިބު ރައީސް

މި ޕާޓީގެ ސިޓީ-ދާއިރާ ރައީސް ހަވާލުކުރާ ކަންކަމާއި ދޭ އިރުޝާދުގެ ދަށުން ދާއިރާ ފެންވަރުގައި ޕާޓީ ހިންގުމުގެ ކަންކަމުގައި ޕާޓީގެ ސިޓީ-ދާއިރާ ރައީސަށް އެހީތެރިވެދިނުމަށް ކޮންމެ ދާއިރާއެއްގައި ސިޓީ-ދާއިރާ ނައިބު ރައީސަކު، 05 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް އިންތިޚާބު ކުރަންވާނެއެވެ. މި ޕާޓީގެ ސިޓީ-ދާއިރާ ނައިބު ރައީސް އިންތިޚާބު ކުރާނީ، އެ ދާއިރާގައި ހިމެނޭ މި ޕާޓީގެ ހުރިހާ މެމްބަރުންގެ މެދުގައި ނަގާ އާއްމު ސިއްރު ވޯޓަކުންނެވެ.

120. ސިޓީތަކުގެ ދާއިރާ ނައިބު ރައީސްގެ މަސްއޫލިއްޔަތުތަކާއި ބާރުތައް

ސިޓީތަކުގެ ދާއިރާ ފެންވަރުގައި ޕާޓީ ހިންގުމަށްޓަކައި ޕާޓީގެ ސިޓީ-ދާއިރާ ރައީސް ހަވާލުކުރާ ކަންކަމުގެ އިތުރުން ސިޓީ-ދާއިރާ ނައިބު ރައީސަށް ސިޓީ-ދާއިރާ ހިންގާ ގަވާއިދުގައި ވަކި މަސްއޫލިއްޔަތުތަކެއް އެކަށައަޅައި، ސިޓީ-ދާއިރާ އެސެމްބްލީން ހަވާލުކުރެވިދާނެއެވެ.

ނޯޓް: އަތޮޅުތަކުގެ އިންތިހާބީ ދާއިރާތަކުގެ ރައީސުން ޕާޓީގެ އޮނިގަނޑުގައި މަގާމެއް ގޮތުގައި ހިމެނިފައިވަނީ ހަމައެކަނި ގައުމީ މަޖްލިސް އަދި އަތޮޅު މަޖްލިސްތަކުގައި އެދާއިރާތަށް ތަމްސީލުކުރާ ފަރާތެއްގޮތުގައެވެ.

Comments