ނޫސްބަޔާންDEM/PRL/2024/009

ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުދިން ވަޒީރުންތަކަކަށް ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާއަށް ދައުވަތު ދެއްވާފައިވާތީ އެކަން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން.

04 ފެބްރުއަރީ 2024 ‪05:00 pm

މާދަމާ، (5 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހު) ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަށް ބާއްވަވާ ޖަލްސާއަށް، ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 (ތިނެއް) ބޭފުޅަކަށް ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާކަން މި ޕާޓީގެ ސަމާލުކަމަށް ވަނީއައިހެވެ.

ރައްޔިތުންގެ މަޖިލީހުން ވަޒީރުކަމުގެ ރުހުން ނުދެއްވި އެ 3 (ތިނެއް) ބޭފުޅުންނަށް ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް މި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ދެކެމެވެ. އަދި ސަރުކާރުގެ ގައިރު ގާނޫނީ މި ފަދަ އަމަލުތަކަށް ހިތްވަރާއި ބާރުލިބިދެވޭގޮތަށް ހިންގޭ ކަންކަމުގައި މި ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން އެއްބާރުލުން ނުދޭނެ ވާހަކަވެސް ދަންނަވަމެވެ.

މި ސަބަބުތަކަށްޓަކައި މާދާމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދަ ޑިމޮކްރެޓްސް ޕާލަމެންޓަރީ ގްރޫޕަށް ނިސްބަތްވާ މެމްބަރުން ބައިވެރިނުވާނެ ވާހަކަ ދަންނަވަމެވެ.

Comments