ނޫސްބަޔާންDEM/PRL/2024/013

ދަ ޑިމޮކްރެޓްސް އާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ދެއްކެވި ދޮގު ވާހަކަ ކުށްވެރިކޮށް ނެރޭ ނޫސްބަޔާން

15 އޭޕްރީލު 2024 ‪11:00 am

14 އޭޕްރިލް 2024 ވީ އާދިއްތަ ދުވަހު، ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓެއްގެ ކެމްޕޭން އިވެންޓެއްގެ ތެރެއިން މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން މި ޕާޓީއާއި ގުޅޭ ގޮތުން ދައްކަވާފައިވަނީ ހަގީގަތާއި ހިލާފު ކަނޑައެޅިގެން ދޮގު ވާހަކަތަކެވެ.

މިގޮތުން ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒުއަށް ތާއިދުކުރަން ނިންމާ، މުޙައްމަދު މުއިއްޒު އަރިހުގައި ދަ ޑިމޮކްރެޓްސް އިން މަސައްކަތްކުރިކަމަށް މިނިސްޓަރ ޢަލީ އިޙްސާން ލައިވް ޓީވީގައި ދެއްކެވި ހަގީގަތާއި ހިލާފު ދޮގު ވާހަކަ މިޕާޓީއިން ކުށްވެރިކުރަމެވެ. 

2023 ވަނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މި ޕާޓީ އިން ކުރިއަށްދާނެ ގޮތެއް ނިންމުމަށް 18 ސެޕްޓެމްބަރު 2023 ވީ ހޯމަ ދުވަހު ބޭއްވުނު ޕާޓީގެ އިންޓަރިމް ކައުންސިލްގެ 7 ބައްދަލުވުމުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން އެއްވެސް ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށް މި ޕާޓީއިން ވާނީ ނިންމާފައެވެ. އަދި ނިންމުން ވާނީ ޕާޓީގެ ނަންބަރު DEM-INT/IUL/2023/002 އިއުލާނުން 21 ސެޕްޓެމްބަރު 2023 ވަނަ ދުވަހު އާންމު ކުރެވިފައެވެ.

ދިވެހި އަސްކަރިއްޔާގެ ހަތިޔާރުތަކެއް ފަޅުރަށަކުން ފެނުނުކަމަށް ބުނާ ހާދިސާއާއި، ޑިފެންސް މިނިސްޓަރުގެ ކޮޓަރިކޮޅުން ހަތިޔާރު ފެނުނުކަމަށް ބުނެ ފްރޭމްކުރުމަށް ހިނގާދިޔަ ކަންކަމުގެ ތެރޭގައި އެތައް ފަހަރަކު ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވާފައިވާ މި ސަރުކާރުގެ  ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ޢަލީ އިޙްސާން ފަދަ ދޮގު ހެދުމާއި އޮޅުވާލުމުގެ މާޒީއެއް އޮތް ބޭފުޅެއްގެ ކިބައިން މިފަދަ އަމަލެއް ފެނުމީ ހައިރާންކުރުވަނިވި ކަމެއްކަމުގައި ނުވިނަމަވެސް ދިވެހިރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި، ކުށްކުރުން މަދުކުރުމާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމާއި، މުދަލާއި ފައިސާގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިއްމު މަސްއޫލިއްޔަތު މަތިވެފައިއޮތް ވުޒާރާގެ ވަޒީރުގެ ފަރާތުން މިފަދަ ދަށު ދަރަޖައިގެ އަމަލެއް ފެނުން މި ޕާޓީއިން ނުހަނު ކަންބޮޑުވަމެވެ. 

Comments