
ފުރަތަމަ ދައުރުގެ މަގާމުފުރާތަކުގެ އިންތިހާބު
ދަ ޑިމޮކްރެޓްސް އަކީ އެންމެހައި ދިވެހިރައްޔިތުންނަށް އާންމުކޮށް ހުޅުވައިލެވިގެންވާ ސިޔާސީ ޕާޓީއެކެވެ. މި ޕާޓީ ބިނާވެގެންވަނީ މައިގަނޑު އެއް ފިކުރެއްގެ ގިނަ ރައްޔިތުންތަކެއްގެ ބައިވެރިވުމާއި ޝާމިލުވުމުގެ މައްޗަށެވެ.
މި ޕާޓީއަކީ ޑިމޮކްރެސީގެ އަގުހުރި ހަމަތައް ގަބޫލުކުރާ، ފަރުދީ މިނިވަންކަމާއި ހެޔޮވެރިކަމާއި އިގްތިސާދީ ފުދުންތެރިކަން އެންމެންނަށް ހޯދައިދިނުމަށް ބާރުއަޅައި މަސައްކަތްކުރާ ޕާޓީއެކެވެ. އަދި ނަޒާހަތްތެރިކަމާއެކު ގަދަރުވެރި، ޝަރަފުވެރި ގޮތުގައި މި އަމާޒަށް ދަތުރުކުރުމުގެ ޙައްޤު އެންމެންނަށް ހަމަހަމަކަމާއެކު ފަހިވެފައި އޮންނާން ވާނެކަމަށް މި ޕާޓީ ގަބޫލުކުރަމެވެ.
މިނިވަންކަމާއެކު ފިކުރު ހިންގުމަށާއި ތަފާތު ޚިޔާލުތަކަށް ޖާގަ ދިނުމަށް ބާރުއަޅައި، ހިތްވަރުދިނުމާއެކު ޑިމޮކްރަސީގެ މައިގަނޑު އުސޫލުތައް ނެގެހެއްޓުމަކީ މި ޕާޓީގެ އަމާޒެކެވެ.
މި ޕާޓީގެ އަސާސީ ޤަވާއިދު ކަށަވަރުކޮށްދެނީ، ޕާޓީގެ ނިންމުންތައް ނިންމާ ހުރިހާ މަރުހަލާއެއްގައި، ޕާޓީގެ ކޮންމެ މެމްބަރެއް، ކޮންމެ ރަށެއް، ކޮންމެ ސިޓީއެއް އަދި ކޮންމެ އަތޮޅެއް ތަމްސީލުވާނޭހެން، އެ އެންމެހައި ފަރާތްތަކެއްގެ ފުރިހަމަ ބައިވެރިވުމާއި ޝާމިލުވުން އޮތުމެވެ.
ޕާޓީގެ މުޅި އޮނިގަނޑުގެ ތެރޭގައި ވެސް އަންހެނުންނާއި ޒުވާނުންގެ އަޑު ތަމްސީލު ވާކަން ކަށަވަރު ކުރެވޭނެއެވެ. ވެޓެރަންސް ކްލަބެއް ޤާއިމުވެފައި ވާނެއެވެ.
ޒުވާނުންނާއި އައު ލީޑަރުންނަށް ޖާގަ ތަނަވަސްކޮށްދޭނެއެވެ. އަދިސިޔާސަތުތައް ކަނޑައެޅުމުގައްޔާއި ނިންމުންތައް ނިންމުމުގައި އެފަރާތްތަކުގެ ބައިވެރިވުމާއި ޝާމިލުވުން އިތުރުކޮށްދިނުމަށް ބާރުއަޅައި މަސައްކަތްކުރާނެ ޕާޓީއަކަށް ދަ ޑިމޮކްރެޓްސް ވާނެއެވެ.
މި ޕާޓީގެ އިގުތިސާދީ އަދި އިޖްތިމާޢީ ތަރައްޤީއާއި ކުރިއެރުމުގެ ސިޔާސަތުތައް ފަރުމާކުރާނީ، ރާއްޖޭގެ ޤުދުރަތީ ވެށި ބަލަހައްޓައި ރައްކާތެރިކޮށް، މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންވެރި މުޖުތަމައެއް ޤާއިމުކުރުމުގެ ތަސައްވުރެއްގެ މައްޗަށެވެ.
މި ޕާޓީ ތަސައްވުރުކުރަނީ، ޓެކްނޮލޮޖީއާއި އައު އީޖާދުތަކުގެ ބޭނުން ހިފައިގެން އިގުތިސާދީގޮތުންނާއި މާލީގޮތުން ރައްޔިތުން ބާރުވެރި ކުރުވުމަށެވެ. އަދި ތަޖުރިބާގެ މައްޗަށް ބިނާކޮށް ދެމެހެއްޓެނެވި ސިޔާސަތުތައް ކަނޑައެޅުމާއި ޒުވާން ޖީލުގެ އުންމީދުތަކާއި އައު ވިސްނުމުގައި ކުލަޖެހޭނެހެން ވިސްނުންތެރިކަމާއެކު ކުރިމަގު އަލިކުރަމުން ދިއުމަކީ މި ޕާޓީގެ އަމާޒެކެވެ.
މީސްތަކުންގެ މެދުގައި ތަފާތުނުކުރުމާއި އިންސާފުވެރިވުމާއެކު، ޤަދަރުވެރި، ތަނަވަސް، އެއްބައިވަންތަ އަދި ޓޮލަރެންޓް ރައްޔިތުންތަކެއް ބިނާކުރުމަކީ ދަ ޑިމޮކްރެޓްސްގެ އަބަދުމެ އަމާޒެކެވެ.




